ފަތިސް ނަމާދު ބަންގީގެ ފުރަތަމަ ކަލިމައިގެ އަޑާއެކު އަހަރެންގެ ލޯ ހުޅުވެއެވެ. އެއީ އަހަރެންގެ އާދައެވެ. އޭރު މަންމަ ހުންނާނީ ކައިރީގައެވެ. އެއީ މަންމަގެ އާދައެވެ. މަންމަ ނަމާދަށް ވަންނާނީވެސް އަހަރެން ފާޚާނާއަށް ގެންގޮސް ފެންވަރުވާ ރީތިކޮށް ތަންމަތީގައި ބާއްވާފައެވެ. އުމުރުން ހަތްދިހައިގެ އަހަރުތައް ގުނަމުން އަންނަ، ހަށިގަނޑުން ނިކަމެތި އެ މަންމައަކީ އަހަރެންގެ ދިރިހުރުމެވެ. ތެދެކެވެ. ފުރާނަ ލައްވަވާފައިވަނީ އަހަރެންގެ ގައިގައެވެ. ނަމަވެސް އަހަރެން އެއްތަނުން އަނެއްތަނަށް ގެންގޮސް ހަދަނީ މަންމައެވެ. ކައްކާފަ ކާންދެނީ މަންމައެވެ. ފެންވަރުވާ ރީތިކޮށްދެނީ މަންމައެވެ. އަހަރެންގެ މުނިފޫހި ފިލުވައިދެނީވެސް ހަމަ މަންމައެވެ. އެހެންކަމުން އަހަރެންގެ ދިރިހުރުމަކީ މަންމައޭ ބުނުމަކުން ދޮގަކަށް ނުވާނެތާއެވެ.

އަހަރެންގެ އުމުރުން ދިހަ އަހަރުގައި ވަރުގަދަ ހުމެއް ޖެހުނެވެ. އަތްފަޔަށް ވާގިއަރައި ހަށިގަނޑަށް ގޮތްތަކެއްވެ، އަހަރެން ނުކުޅެދޭ މީހަކަށް ވިއެވެ. މިއަދު އަހަރެންގެ އަތަކު ފަޔަކު ވާތްގެއް ނެތެވެ. އޮންނަ ތަނުން ހިރި ނުލެވެއެވެ. އަނގަޔަކުން ވާހަކައެއް ނުދެކެވެއެވެ. މަންމައަށް ގޮވާލެވެނީވެސް ކަރުތެރެއިން ބަރު އަޑެއް ނެރެގެންނެވެ. އަހަރެންގެ މި ހާލާމެދު މަންމަ ވަރަށް ހަމްދަރުދީ ވެއެވެ. އުމުރުން ތިރީސް އަހަރު ވެފައިވާއިރު އަހަރެންގެ ފަރާތުން މަންމައަށް އެއްވެސް ލުޔެއް ނުލިބެއެވެ. މުސްކުޅިވެ އަރާމުކުރަންވީ ދުވަހު މަންމައަށް މިޖެހެނީ އަހަރެންގެ ކަންކަން ކޮށްދޭށެވެ. ނަމަވެސް އަހަރެންގެ މަންމައަކީ މައިވަންތަކަމުގެ ލޯބިން ފުރިފައިވާ މަންމައެކެވެ. ދުވަހަކުވެސް ނުރުހުމުގެ އުފް އެއްވެސް ލައްވާނުލައެވެ. ގޭދޮށަށް އަންނަ މީހުން ބުނާ އަޑު އަހަންނަށް އިވެއެވެ. ދެން ތިކުއްޖާފުޅު ނުކުޅެދޭ މީހުންގެ މަރުކަޒަށް ފޮނުވާލާށެވެ. ފާތުމަ ދައިތަގެ ގަޔަކު ތިކުއްޖާ އުރަށް ނަގައިގެން އުފުލޭހާ ބާރެއް މިއަދު ނެތެއް ނޫންހެއްޔެވެ. އެއިން ކޮންމެ މީހަކަށް މަންމަ ދެނީ ހަމަ އެއް ޖަވާބެކެވެ. އަހަރެން ދުނިޔޭގައި ހުރިހާ ދުވަހަކު އަހަރެންގެ ދަރިއަކު ބަލަން އެހެން މީހަކަށް ނުޖައްސާނަމެވެ. އެއަޑު އިވޭ ކޮންމެ ފަހަރަކު ލޮލުން ހިތާމައިގެ ވޭނީ ކަރުނަ އޮހެއެވެ. މީހުން އެދައްކަނީ ތެދުވާހަކައެވެ. މިއަދު މަންމަގެ ގަޔަކު އަހަރެން ބެލުމުގެ ހިތްވަރެއް ނެތެވެ. އަހަރެން ރީއްޗަށް ހަނދާން އެބަހުއްޓެވެ. މީހަކު އެކަހަލަ އެއްޗެއް ބުނި ދުވަހަކު މަންމަ އަހަރެންގެ މޫނާ ކައިރިވެލާ ބޮލުގައި ފިރުމާލަމުން ބުންޏެވެ. ދަރިފުޅާއެވެ. މީހުން އެދައްކަނީ ތެދުވާހަކައެކެވެ. މަންމަ މުސްކުޅިވެއްޖެއެވެ. ގައިބާރު ދެރަވެއްޖެއެވެ. ނަމަވެސް ދަރިފުޅަށް އެނގޭ ހެއްޔެވެ. މި މަންމަގެ ހިތުތެރޭގައި މާތްﷲ ލައްވަވާފައިވާ މައިންވަތަކަމުގެ ކުލުނު އަދިވެސް މުސްކުޅިއެއް ނުވެއެވެ. އިރާދަކުރެއްވިއްޔާ މި މަންމަ ދިރިހުރިހާ ދުވަހަކު ދަރިފުޅު ބަލަހައްޓާނަމެވެ. އަހަންނަށް ވާހަކަނުދެއްކޭ ހާލުގަވެސް މަންމަ އަހަރެން ގާތުގަ ބުނާ އެކަހަލަ ލޯބިވެތި ބަސްތަކުން އުފާވެރިކަން ލިބެއެވެ. ނަމަވެސް އަހަރެންގެ ހިތާމައަކީ މަންމަ އަމިއްލަ ނަފުސާމެދު ނުވިސްނާތީއެވެ. އަހަރެމެންނަކީ ނިކަތި ބަޔަކީމުއެވެ. ލިބޭހާވެސް ލާރިއަކީ މަންމައަށް ސަރުކާރުން ދެއްވާ ފައިސާއެވެ. އެއިން އެންމެ ފައިސާ ފޮއްޗެއްވެސް މަންމަގެ ކަމެއްގައި ހޭދަކުރި ހެނެއް ހިޔެއް ނުވެއެވެ. އެފައިސާ މުޅިން ހޭދަކުރަނީ އަހަރެންގެ ކަންކަމުގައެވެ. ވާރޭވެހޭ މޫސުމުގައި ގޭ ފުރާޅުގެ ދެތިން ތަނަކުން ފެން ނުފައިބާ ދުވަހެއް ނުދެއެވެ. އެކަންކަމު ކިޔަން ހުރީ ބޭބެ ކައިރީގައެވެ. ނަމަވެސް ބޭބެ އަހަރެމެންނާ ގުޅުން ނުބާއްވާތީ ދުވަހަކުވެސް މަންމަ ބޭބެއަށް ނުގުޅައެވެ. އަހަރެމެންނާ ގުޅުންބާއްވަން ބޭބެގެ އަންހެނުން ނުރުހެއެވެ. އެހެންކަމަށްވާތީ ކިތަންމެ ބޮޑު ކަމެއް ޖެހުނަސް މަންމަ ބޭބެއަކަށް ނުގުޅާނެއެވެ. މާމަ ކުދިން ދެކޭހިތުން މަންމަ ވަރަށް ވާހަކަދައްކައެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ. މީހަކާ އިންފަހުން ދުވަހަކުވެސް ބޭބެ ރަށަށް ނާދެއެވެ. އަހަރެމެން ދެކެ ބޭބެ އެހާ ރުޅިއަންނަންވީ ސަބަބެއް ނުވިސްނެއެވެ.

އާދައިގެ މަތިން ފަތިސްނަމާދުގެ އަޑާއެކު އަހަންނަށް ހޭލެވުނެވެ. އޭރު މަންމަ ހުރީ ކައްކާ ނިންމައި އަހަރެން ފެންވަރުން ތައްޔާރަށެވެ. އަހަރެން ހޭލުމާއެކު އެކަންވެސް ނިންމައި އަހަރެން ތަންމަތީގައި ބާއްވައިފިއެވެ. ޖެހިލި ހިތްގައިމު ވައިރޯޅިއެއް ކުޑަދޮރު ތެރެއިން ގޭތެރެއަށް ވަދެގެން ދިޔައެވެ. ވައިރޯޅިއާއެކު ކުޑަދޮރު ޖެހުނު އަޑަށް އަހަންނަށް އެދިމާލަށް ބަލައިލެވުނެވެ. ކޮޓަރީގެ ކަނެއްގައި ނަމާދަށް ހުރި މަންމަ މޭމަތީގައި އަތްއަޅައިގެން ވެއްޓެމުން ވެއްޓެމުންގޮސް މުސައްލަ މައްޗަށް ވެއްޓެނީއެވެ. އަހަރެންގެ ކަރުން ބާރަށް ހަޅޭލަވައިގަނެވުނެވެ. އޮތްތަނުން ވެއްޓިގެން މަންމަޔާ ހަމައަށް ދެވޭތޯ މަސައްކަތްކުރީމެވެ. ނަމަވެސް ގުޑައިވެސް ނުލެވުނެވެ. ހިސާބުގަނޑު މީހަކަށްވެސް އަހަރެންގެ އަޑެއް ނީވުނެވެ. އަހަރެންގެ ލޯމަތީގައި ލޯބިވާ މަންމަ ފަހު ނޭވާ ދޫކުރިއެވެ. އަހަރެންގެ ލޮލުން އޮހެމުންދިޔަ ކަރުނަތަކުން ބޯދަށުގައި އޮތް ބާލީސް އެއްކޮށް ފޯކޮށްލިއެވެ. ފަތިސްނަމާދުން ފައިގެން ގެއަށް އައި މީހަކަށް މަންމަ މަރުވެފައި އޮތްތަން ފެނި، ރަށުގެ މީހުންގެ މަންމަގެ ކަށުކަމާ ކެމީގެ ކަންތައް ކޮށް ނިންމާލައިފިއެވެ. އަހަރެން މުޅިން އެކަނިވެރިވެއްޖެއެވެ. އަހަރެންގެ ލޯބިވާ މަންމަ، މި ބީރައްޓެހި ދުނިޔެއަށް އަހަރެން ދޫކޮށްލާފަ ދިޔައީއެވެ.

މަންމަ މަރުވިތާ މިއަދަށް މީ ދެވަނަ ދުވަހެއެވެ. ރަށުގެ އިސްވެރިންނާ ސިއްހީ މަރުކަޒުގެ މީހުން އަތުވެއްޖެއެވެ. އެމީހުން އަހަރެން އުފުލާލައިގެންގޮސް އެއަރުވަނީ އެމްބިއުލާންސަށެވެ. އަހަންނާ އަހަރެންގެ މަންމަ ދިރިއުޅުނު އުފާވެރި ޖިފުޓިގަނޑުން އަހަރެން ނެރެގެން ގެންދަނީއެވެ. އަހަރެންގެ ލޯބިވާ ވަޒަނާ އުމުރަށް ވަކިކޮށްލަނީއެވެ. ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް އަހަރެން ގެންދަނީއެވެ. ލޮލުން އޮހެމުންދިޔަ ކަރުނަތައް ހަނދާންކޮށްދިނީ މަންމަ ބުނި ބަސްތަކުގެ ތެދުކަމެވެ. ތެދެކެވެ. މަންމަ ދުނިޔޭގައިހުރި ހުރިހާ ދުވަހަކު އަހަރެން ބެލުމުގެ ޒިންމާ އެހެން މީހަކަށް އުފުލާކަށް ނުޖެހެއެވެ. އެ މަންމައަށްޓަކައި މިއަދު އަހަންނަށް އެއްވެސް ކަމެއް ނުކޮށްދެވުނެވެ. ނަމަވެސް އަހަރެންގެ ހެޔޮ ދުޢާތައް އަބަދުވެސް ވަނީ އެ މަންމައާއެކުގައެވެ.