ކޮޑަކިޅި ދިށިއްޔެ؟

ނަލަ ފެހި ފުވައްމުލަކުގެ އެތެރެ ވެށިވެސް ޤުދުރަތީ ރީތިކަމުން ވަނީ ފުރިހަމަވެފައެވެ. ފުވައްމުލަކުގައި އުފެދިފައިވާ ސާފު ފެނުގެ ޤުދުރަތީ ދެ ކުޅިއަކީ ރަށުގެ ޤުދުރަތީ ރީތިކަން އިތުރަށް ފުރިހަމަކޮށްދޭ ދެ ސަރަހައްދެވެ. ފުނާޑު،މާލެގަން،މިސްކިތްމަގު ހިމެނޭގޮތަށް އޮންނަ ބަންޑާރައި ކިޅިއާ ދަޑިމަގި ކިޅިއަކީ މުޅި ރާއްޖެއަށްވެސް މަޝްހޫރު ދެ ކުޅިއެވެ. މި ދެކުޅި ބައެއް ފަރާތްތަކުން ސިފަކުރައްވާފައި ވަނީ ފުވައްމުލަކުގެ ފެން ސާފު ކުރާ ކިޑުނީ ގޮތުގައެވެ. އެގޮތުން ފުވައްމުލަކު އަތޮޅުކައުންސިލްގެ ފުރަތަމަ ރަޢީސް ހަސަން ސަޢީދު ވެސް ވަނީ މިގޮތަށް ސިފަކުރައްވާފައެވެ.

ރަށަށް ޒިޔާރަތްކުރާ ބީރައްޓެހިންނާވެސް ތަންކޮޅެއް ބީރައްޓެހި އެއްތަނަކީ ފުވައްމުލަކު ބަންޑާރައި ކިޅި ކައިރީގައި އުފެދިފައި އޮންނަ ކޮޑަކިޅިއެވެ. ނަމަވެސް މިހާރު މި ކޮޑަކިޅީގެ މަޝްހޫރުކަން އަންނަނީ އިތުރުވަމުންނެވެ. ޚާއްސަކޮށް އިޖުތިމާޢީ ވިއުގަތަކާ ދޯޅު ފަރާތްތަކަށް ފުވައްމުލަކު ކޮޑަކިޅި ވާނީ ފެނިފައެވެ. ކޮޑަކިޅިއަކީ ފުވައްމުލަކު ބަންޑާރައި ކިޅި ކައިރީގައި އުފެދިފައި އޮންނަ ފެންގަނޑެއް ފާޑުގެ ތަނެކެވެ. ނަމަވެސް މިތަނުގެ ތަފާތަކީ މިއީ ޗަސްބިމެއް ގޮތަށް، ފެންގަނޑު ތެރޭގައި ހެދިފައި އޮންނަ ފަސްމަޑު ކިލާގަނޑަކަށްވާތީއެވެ. މިއީ ޒަމާނުއްސުރެ މިތަނުގައި އޮންނަ ތަނެއްކަމަށް ފުވައްމުލަކުގެ ތާރީޚް ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވެއެވެ.

ފުވައްމުލަކުގެ ޒުވާނުންގެ މެދުގައި ކޮޑަކިޅީގެ މަޝްހޫރުކަން އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. ޚާއްސަކޮށް ފޮޓޯ ނަގަން ރަށުގައި އޮތް އެންމެ ތަފާތު މަންޒިލަކީ ކޮޑަކިޅިކަމަށް ވެއްޖެއެވެ. ކޮޑަކިޅި ތެރެއަށް ފައިބައިގެން އެ ކިލާ ގަނޑު ތެރޭގައި ނަގާ ފޮޓޯތައް ފޭސްބުކާ އިންސްޓަގްރާމުގައި އަންނަނީ ވަރަށް ބާރަށް ދައުރުވަމުންނެވެ. އިރު އަރައިގެން އަންނަ އިރު، އިރުގެ ރަން ދަޅަ އެޅިފައިވާ ގޮތުން ކޮޑަކިޅީގައި ނަގާ ފޮޓޯތަކަށް އިތުރު ފުރިހަމަކަމެއް ގެނުވައިދެއެވެ. ހަފްތާ ބަންދަކަސް ހަފްތާގެ ކޮންމެ ދުވަހަކަސް ކޮޑަކިޅި އޮންނަނީ ފުރިފައެވެ.

er
ފޮޓޯ:ފުވައްމުލަކަށް ޒިޔާރަތް ކުރި މެހުމާނުން ތަކެއް މަޑު ބާތު ނެގުމުގެ ތަރެއިން.

މިހާރު ކޮޑަކިޅިއަކީ ފުވައްމުލަކަށް ޒިޔާރަތްކުރާ މެހުމާނުންގެ މެދުގައިވެސް މަޝްހޫރު ތަނަކަށްވެއްޖެއެވެ. ރަށަށް ޒިޔާރަތްކުރުމަށްފަހު ބަލަން ދާންޖެހޭ ތަންތަނުގެ ލިސްޓުގެ އެންމެ ކުރީގައި އޮންނަނީ ކޮޑަކިޅިއެވެ. އެކަމަކު ހަމައެކަނި ބަލައިލާން ދިޔުމެއް ނޫނެވެ. އެތަނަށް އެރި ފޮޓޯއެއް ނަގާ ފޭސްބުކަށް ލުމުގެ ބޭނުމުގައެވެ. ރާއްޖޭގެ އެހެން ރަށްރަށުން ތަޖުރިބާ ކުރަންނުޖެހޭ ކަމަކަށްވާތީއެވެ. އަދި އެތަނަށް އެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ފަހު ބަލާއިރު މުޅި ގައިގެ ހަންގަނޑު ހުންނަނީ ދޮންވެ ރީތިވެފައެވެ.

މިއަށް މިޒަމާނު ކުދިން ކިޔާ އުޅޭނީ މަޑު ބާތެވެ. ބައެއް ފަތުރުވެރިންވެސް ވަނީ މަޑު ބާތު ތަޖުރިބާ ކޮށްފައެވެ. އެމީހުންގެ ތަޖުރިބާއަކީ  މީވާ މަޖާކަމެއް..! 

ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދާ ވަރަށް ދުރުގައި އޮންނަ ކޮޑަކިޅިއަށް ދާންޖެހެނީވެސް ވަރަށް ދަތި ހާލުގައެވެ. ގަސްތަކުގެ ތެރެއިން އަލައޮޅުތަކުގެ މެދުން ގެނބެމުން ނަމަވެސް ކޮޑަކިޅިއަށް ދިޔުމަކީ މިއަދު ފުވައްމުލަކުގެ ޒުވާނުން ލޯބިކުރާ ކަމެކެވެ.

އެހެން ނަމަވެސް މާތްﷲގެ އިރާދަފުޅާއި އެކު މިހާރު ސަރުކާރުން އެވާރޑް ކޮށްފައިވާ އެކޯޓުއަރިޒަމް (ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން ޕްރޮޖެކްޓް ) ނިމުނީމަ ފަސޭހަކަމާއި އެކު ކޮޑަކިޅިއަށް ދެވޭނެ ކަމުގެ އުއްމީދު ބޮޑެވެ.

ފޮޓޯ: ކުޑަކުދިން ތަކެއް ގައިގެ ހަންގަނޑު މޮއިސްޗަރައިޒް ކޮށްލުމަށްޓަކއި މަޑު ބާތު ނަގަނީ.

Leave a Reply

Your email address will not be published. Required fields are marked *

އިސްތިހާރު