ފުވައްމުލަކުގެ “ވޭރެގަމި ދަޑޮމަތި” ނަކަމަށް ކިޔާ ސަރަހައްދަކާއި “ފުނާޑި ދަޑޮމަތި” ކިޔާ ސަރަހައްދެއް އޮވެއެވެ.  މި ދެ ބިމުގައި ވަރަށް ފަހަކާ ޖެހެންދެންވެސް ވަރަށް ބޮޑެތި ބިޔަ ދަނބުގަސްތައް ހުއްޓެވެ. ކޮންމެއަކަސް ދަނބަކީ ވަރަށް މުހިއްމު އެއްޗަކަށްވާތީ މި ދެބިމަށް ދަނބުވަލޭވެސް ކިޔައި އުޅެއެވެ.

ދަނބު ލަކުޑި ފާހަގަކުރެވިފައިވަނީ ގިނަ ކަންތައްތަކުގައި ބޭނުންކުރެވޭ މޮޅު ލަކުޑިއެއްގެ ގޮތުގައެވެ. މިއީ އޮޑިދޯނިފަހަރު ބަނުމަށާ މަރާމާތު ކުރުމަށް ބޭނުންކުރާ ލަކުޑިއެކެވެ. މީގެ އިތުރުން ދަނބު ދަރަކީ އުވަދަވަންވެސް އެއްޒަމާނެއްގައި ފުވައްމުލަކު މީހުން ބޭނުންކުރި އެއްޗެކެވެ. ދަނބަކީ ފުރަ ބަންޑާރަ ލަކުޑިއަކަށްވާތީ ދަނބު ލަކުޑިއާ ދަނބު ދަރު އެޒަމާނުގައި ލިބެނީ އޮޑިދޯނިފަހަރު ބަނުމަށެވެ. އެހެންކަމަށްވާތީ އިހުޒަމާނުގައި ފުވައްމުލަކުގައި ގިނަ އަދަދަކަށް ދަނބުގަސްތައް ހުއްޓެވެ. މިއަދު އޭރާ އަޅާ ބަލާއިރު ދަނބުގަސްތައް ނިސްބަތުން މަދުނަމަވެސް އަދިވެސް ފުވައްމުލަކަކީ ދަނބު ގަސްތައް ގިނަ ރަށެކެވެ.

ދަނބު ގަހުގެ އެންމެ ޚާއްސަ އެއްޗަކީ އޭގައި އަޅާ މީރު މޭވާ ކަމަށްވާ ދަނބެވެ. އަބަދުވެސް ދަނބު މޫސުމަކީ ފުވައްމުލަކަށް އަންނަ ޢީދެއްގެ ގޮތުގައި ގިނަ ބަޔަކު ޤަބޫލުކުރެއެވެ. ނަތީޖާއެއްގެ ގޮތުގައި ރަށުގެ ކުދިބޮޑު އެންމެ ދަނބު ބިންނަންދެއެވެ. ފަހުގެ ތާރީޚެއްގައި އެންމެ ގިނައިން ދަނބު އެޅި އަހަރަކަށް މިއަހަރު ވާނެއެވެ. އެހެން ފަހަރުތަކާ އަޅައިބަލާއިރު މިފަހަރު ދަނބުމޫސުން މިވަނީ ދިގުލައިގެން ގޮސްފައެވެ. ދަނބަކީ އަނގަޔަށް މީރު މޭވާއެކެވެ. އެހެންކަމުން ދަނބުގެ ޑިމާންޑު މިފަހަރު އިންތިހާއަށް ބޮޑުވެފައިވާކަން ފާހަގަކުރެވެއެވެ. ދަތުރުފަތުރުގެ ފަސޭހަކަމާއެކު މިފަހަރު ރަށުން ބޭރަށް ގިނަ އަދަދަކަށް ދަނބުވަނީ ފޮނުވާފައެވެ. އެގޮތުން ފުވައްމުލަކުން ފުރާ ކޮންމެ މީހެއްކަހަލަ ގޮތަކަށް ދަނބުކޮތަޅެއް ނުވަތަ ދަނބުފުޅިއެއް ގެންގޮސްފައިވެއެވެ. ހަމަ މިއާއެކު ސޯޝަލް މީޑިއާގައި ދަނބުގެ ފޯރި މާ ގަދަހެންވެސް ހީވެއެވެ. ރީތިގޮތްގޮތަށް ދަނބުގެ ފޮޓޯ ނެގުމަށްފަހު ހޭޝް ޓެގު “ދަނބު” ހޭޝްޓެގު “ދަންވައް” ޖެހުމަށްފަހު ގިނަ ބަޔަކު ފޮޓޯތައް ވަނީ އަޕްލޯޑުކޮށްފައެވެ. އަދި ދަނބު ބޭނުންވެގެން އެކި ފަރާތްތަކުން ކުރަމުން އަންނަ ކޮމެންޓުތަކާއެކު ދަނބުގެ ވާހަކަ ނުދައްކާ ހަމައެކަކުވެސް ނެތޭ ދެންނެވިދާނެއެވެ.

  އޮއި މަށަ ދަންވަކައް ފެނޮވާލަ ހެއުނިވެންނޭނޭ..                      

ދަނބުގެ ވިޔަފާރިވެސް އާދަޔާ ޚިލާފަށް ގިނަވެއްޖެއެވެ. ރަށުގެ ތާރުމަގު، މުޙައްމަދު ޖަމާލުއްދީން ނައިބުތުއްތު މަގުގެ އެއްކޮޅުން އަނެއްކޮޅަށް ދަތުރުކޮށްލާއިރު ދަނބު ވިއްކާ ފަރާތްތަކާ ވަރަށް ގިނައިން ބައްދަލުވާނެއެވެ. ދަނބު ބިންނަން ނުދެވޭ ފަރާތްތަކަށް ދަނބު ވިއްކާގެން ދުވާލެއްގެ މައްޗަށް 3000 ރުފިޔާ ލިބޭ ކަމަށް ބަނގުލަދޭޝްގެ މީހަކު ބުންޏެވެ. އަދި ދަނބު ގަންނަނީ މާލެ އަށާއި ރިސޯރޓް ތަކަށް ފޮނުވަން ކަމަށް ގަންނަފަރާތުން ބުނެއެވެ.

ދަނބުގެ މި ފޯރިއާއެކު އިޖުތިމާޢީ ރީތި އާދަތައްވެސް އާންމުވެއްޖެއެވެ. އިހުޒަމާނުގައި ދަނބު ބިންނަން ދިޔުމަކީ މައިންބަފައިންނަށް ސިއްރުން ކުރަންޖެހޭ ކަމެކެވެ. ނަމަވެސް މިއަދު އާއިލާ އެންމެން އެކުގައި ދަނބު ހައިކިނގް އަށް ނިކުމެ އުފާވެރި ވަގުތުތައް ހޭދަކުރެވެއެވެ. އަދި މުދައްރިސުންނާ ދަރިވަރުންވެސް ދަނބު ބިނުމަށް ދަނބު ވަލަށް ދެއެވެ. މިއީ އަޅުގަނޑުމެންގެ ވެށީގެ ކަންކަން ދިރާސާކޮށް ހޯދައި ބެލުމަށް ލިބޭ ކިހާ ރަނގަޅު ފުރުސަތެއް ހެއްޔެވެ.

މިއަދު ދަނބުގަސްތަކަކީ އެއްވެސް އަޅާލުމެއް ނެތި އަމިއްލަ ހެދެމުން އަންނަ ގަސްތަކަކަށް ވެއްޖެއެވެ. މި ގަސްތައް އިންދާ ހައްދައި ބަލަހައްޓާނެ މީހަކު ނެތެވެ. މިހެން ކަންތައް ވާނަމަ ދަނބު ގަސްތައް ފުވައްމުލަކުގެ ވެށިގެން ނެތިގެން ދިޔުމުގެ ބިރު ހީވެއެވެ. ދަނބުގަސްތަކަކީވެސް ބަޔަކު ބަލަހައްޓާ އެއްޗަކަށް ހަދަން އެބަޖެހެއެވެ. ޚާއްސަކޮށް ފުވައްމުލަކުގެ ވެށީގައި ހުރި ދުވަސްވީ ދަނބުގަސްތައް ބެލެހެއްޓުމާމެދު ކަމާގުޅުންހުރި ފަރާތްތަކުން ވިސްނަންއެބަޖެހެއެވެ. އެހެންނޫންނަމަ މިކަހަލަ ދެތިން ދަނބު މޫސުމް އައިސް ނިމިގެންދާއިރު ދަނބުގަސްތަކުގެ ބިޔަ ގޮފިތައް ކަނޑައި، ބިންދައި، ދަނބުގަސްތައް ބަލިކަށިވެ މުލުން ލުހެލައިގެން ހިނގައިދާނެއެވެ.