ސާމިޔާ އަޙުމަދު

ހެނދުނުގެ ހިތްގައިމު ވަގުތެވެ. ދުންފިނީގެ ބޯފަރުދާއެއް މުޅިމާޙައުލުގާ ލެވިފާވެއެވެ. ފެހިކުލަގަދަ ގަސްތަކުގަ ފޮޅިފައިވާ މާތައް ކުލަގަދަވެފަ  ތާޒާކަވެފަ ހިތްގައިމެވެ. ފަރިޔަށް ފޮޅިފައިވާ މާތަކުގައި ފިނި ރޯޅި ބީހިލާފައި ސަމާސާކޮށްލުމުން ތެޅިލާއިރު ބަލާލަން ނުހަނު ރީއްޗެވެ. ކައިލާޝް ގޯތިތެރޭގައި ދެކޮޅަށް ހިގަމުން ފޯނެއް ކުރަނީއެވެ.  ބަގީޗާގައި ފޮޅިފައިވާ ކުލަކުލައިގެ މާގަސްތަކުގެ މެދުން ކައިލާޝް ދެކޮޅަށް ހިނގާ މަންޒަރު ފެންނަ މީހަކުވެސް ފިޔަވަޅުތައް ހުއްޓިފައި ބަލަހައްޓައިގެން ހުންނާނެއެވެ.  ކައިލާޝްގެ ފަން އިސްތަށިގަނޑަށްވެސް އިރުގެ އަލި އެޅިފައި ވާތީ ޔޫރަޕް މީހެއް ފަދައެވެ.  ކައިލާޝް ގެ މަންމައަކީ ކަޝްމީރު މީހަކަށް ވުމުގެ ސަބަބުން މަންމަގެ ރީތިކަން ވަރަށް ފުރިހަމައަށް ކައިލާޝް އަށް  ލިބިފައިވެއެވެ.  ކަޅު ޓީޝާޓް އެކަސްރަތީ ހަށިގަނޑަށް  ހިފައިފައި ހުރުމާ  ޖިންސްގެ ޖީބަށް އެއްއަތް ޖަހާލައިގެން އުޅޭތީ ވަކިން ފިރިހެންވަންތައެވެ. ކައިލާޝް ގެ އަދާތަކުގައިވެސް ވަނީ ހިތްދަމައިގަންނަ ގޮތެކެވެ. ގޭގެ ޕޯޓިކޯގައި ހުރި ކުޑަ މޭޒެއްގެ މަތީގައި ދުން އަރައަރާ އެހުރީ ކައިލާޝް ބޯން ފަށާފައި ބެހެއްޓި ކޮފީ ތައްޓެވެ. ކައިލާޝް ފޯނުކޮށް ނިމިގެން ޖިންސްގެ ޖީބަށް ކޮށްޕާލާފައި ކޮފީ ތައްޓާއި ދިމާއަށް ހިނގަހިނގާ ހުއްޓާ ގޭގެ ދޮރުމައްޗަށް އޮޓޯ އެއް މަޑުކޮށްލިތަން ފެނުނެވެ. ކޮފީ ތަށި ނަގާފައި އެއިން ކޯވަރެއް ބޯނުލެވިގެން އުޅެނިކޮށް އޮޓޯއިން ބޭރަށް ފުންމާލި އަންހެންކުއްޖަކު ފެނިގެން ފާޑަކަށް ސިހިގެން ދިޔައެވެ. ކޮފީތަށިން އެއްބައި އަތަށް ބަންޑުން ވެއްޖެއެވެ. ކައިލާޝް މަޑު އާހެއްގެ އަޑު އިއްވާލައިފައި ކޮފީތަށި އެހުރިތަނަށް ދޫކޮށްލަމުން އަނެއްކާވެސް މަގުމައްޗަށް ބަލަން ފަށައިފިއެވެ. އެވަގުތު އެންމެ ދެކެން ބޭނުންވި ޞޫރައަށް ނަޒަރު ހުއްޓުނެވެ. އިސްކޮޅުން މެދުމިނަކަށް ހުރެފައި ދޮން ކުއްޖެކެވެ. މެރޫން ކުލައިގެ ޝޯލްއެއްގެ ތެރެއިން ފާޅުވާން ހުރި ހަނދެއްފަދަ މޫނެކެވެ. އެހާމެ ވަށްވެފައި އެމޫނު ގެ މައުޞޫމް މްކަން ހާމަވެއެވެ. ކުކުޅުބިސް ކުލައިގެ އަބާޔާ ހެދުމެއްގައި  ނިވާކަން ބޮޑެވެ. ހަމަ އެއާއެކު ފިނިން ސަލާމަތް ވުމަށް ލާފަ ހުރި ގަދަ ޗްކޮލެޓް ކުލައިގެ ފިނިހެދުމުން އިތުރަށް އެހަށިގަނޑު ނިވާކޮށްފަ ހުއްޓެއް ކަމަކު އެރީތިކަން ފާޅުވެއެވެ. އަވިއައިނުން ފޮރުވާލާފައި ވާ ބޮޑު ދެލޯ ކައިލާޝްއަށް ހުއްޓުނު ތަނާ އެރީތި ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ. ކައިލާޝް ގަބުވެފައި  ބަލަން ހުއްޓާ އެ އަންހެންކުއްޖާ ކައިރިއަށް ހުއްޓިފައި އުފާވެރި އަޑަކުން ގޮވާލައިފިއެވެ. “ކައިލާޝް ”  އެއަޑުގަވެސް އެވަނީ ކޮންފަދަ ފޮނި ފޮނި އިޙްސާސެއްހެއްޔެވެ. ކައިލާޝް އަށް ކުރެވުނު އިޙްސާސަކުން  މޭގަ މަޑުމަޑު ތުރުތުރެއް އުފެދިއްޖެއެވެ. ހިތުގެ ގޮވާލުމަށް އިޖާބަދިނުމުގެ ގޮތުން ބޭނުންވަނީ  ލާނެއް ސަމާސާ އެއްކޮއްލުމަށެވެ.

 

ކޮންއިރަކު އައިސްގެން މިއުޅެނީ؟” ކައިލާޝް ގަދަކަމުން ހިނިތުންވުމެއް ވެރިކޮށްފައި ވާހަކަދެއްކިއެވެ.

ހަމަދެންމެ.. ކައިލާޝް ކޮންކަމަކަށް ގެއްލި ހުސްވެފަތިހިރީ….

ޒީނާ އުފާވެރި ހީލުމާއެކު ޖަވާބުދިނެވެ. އެބައަންނަން އިގޭ

ގޭގެ ބަގީޗާގަ ހުރި ހިލަގޮނޑިއާދިމާޔަށް އިޝާރަތް ކޮއްލަމުން ކައިލާޝް ބުނެލިއެވެ.  ބޭޒާރުވެދާނެތީ އިތުރު އެއްޗެއް ނުބުނެ ފޯން ކަންފަތަށް ހެޔޮވަރު ކޮއްލަމުންް ފަހު މަގުމައްޗަށް ނިކުންނަން ކަމަށް ހަދާފައި ކައިލާޝް  ފަސްދީ ހިނގައިގެންފިއެވެ. މަގުމައްޗަށް ނިކުމެފައިވެސް ކައިލާޝް  އެނބުރި ބަލައިލީ ގޭގެ ދޮރާއި ދިމާއަށެވެ. ކައިލާޝްގެ ކުރިމަތީގައިޒީނާ އަރަތަކަށް ވެއްޖެއެވެ.ޒީނާއަށް އޭނަގެ ހިތުގެ ހާލުހަމަ ނޭގެނީހެއްޔެވެ. ނޫނީ ދެނަހުރިކަމަށް ނަހަދާ ހުންނަނީ ހެއްޔެވެ. ކެންޑީގެ އެހިތްގައިމު ފިނި މާޙައުލުގައިވެސް ކައިލާޝް އަށް ކުރެވުނު އިޙްސާސަކުން ހޫނުވާންފެށިއެވެ. އެތަނަވަސް ނިތްކުރި މަތިން ދާހިއްލުމުގެ އަސަރު ފާޅުވާން ފެށިއެވެ. ފުންފުން ކޮށްދެތިން ނޭވާލުމަށް ފަހު ކައިލާޝް ހަމަޖެހިލެވޭތޯމަސައްކަތްކުރަމުން ދިޔައެވެ. އެކުވެރިން ގެ އިންތިޒާރުގަ ބޭރުގަ މަޑުކޮއްލަނީކަމުގަ ބުނެ ޒީނާއަށް މެސެޖް ކޮއްލުމަށް ފަހު ފުންނޭވާއެއް ދޫކޮއްލިއެވެ. އަދި ހިތާހިތުން ވިސްނާލިއެވެ. ކައިލާޝް އާދިމާވި އަންހެން ކުދިންގެ ތެރެއިން ޒީނާއަކީ އޭނަޔަށް ވަރަށް ޚާއްޞަވި ކުއްޖެކެވެ. އެއީ ޒީނާ ނޫން އެހެން އެވެސް ކުއްޖަކަށް އެހިތްމިލްކް ވެފައިވާތީ އެވެ.ޒީނާ ފެނުމުން އެހިތުގަ ފޮނިފޮނި ވިންދެއްޖަހާލައެވެ. އުފާވެރި ރާގެއްފަދައިންނެވެ. ބުނެދޭން ނޭގޭ ކަހަލަ އުފާވެރިކަމެއް ހިތާ ސިކުނޑިއަށް ވެރިވެއެވެ، ކައިލާޝް ގެ ހިތުގައި ގައި މި ޖަޒްބާތުތައް އުތުރެން ފެށީ އެންމެ ފުރަތަމަ ޒީނާ އާ ބައްދަލުވި ދުވަހުއްސުރެންނެވެ. އެއީ އެމީހުން ކިޔަވަމުންދިޔަ މެނޭޖްމަންޓް ކޯހުގެ ތެރެއިންނެވ.ެ ކޯހުގެ ކުދިންގެ ތެރެއިން  ކައިލާޝް އާ ޒީނާ  ދެމީހުންނަކީވެސް އެއްގްރޫޕަކަށް ނިސްބަތްވާ ދެމީހުންނެވެ. ނަމަވެސް ގުރޫޕްގައި ދެންތިބި މީހުންނާއި ޒީނާއަކާ ކައިލާޝް އާއި ތަފާތެއް ނެތެވެ، ހައްތާވެސް އެކުވެރިންނެވެ، އެމެންވެސް މަސައްކަތްކުރަނީ އެއް އަމާޒަކަށެވެ. އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައި ތާފުތު މިޒާޖުގެ ދެޖީންސްގެ ކުދިންނާއި އެކު އެއީ ކާކުކަން މިއީ ކާކުން ދަނެގަނެ، އެންމެ ފުރިހަމަ އަޚްލާގާ އެކު، ގާތްކަމާއި އެކުވެރިކަން ބާއްވަން ޖެހޭ ހުދޫދުގެ ތެރޭގައެވެ. ޒީނާއަށް އެންމެންވެސް އެއްވަރެވެ، ސަމާސާކުރުމުގައިވެސް އެމީހެއްގެ މިޒަޖާއި ގުޅޭގޮތަށް ވަކިމީހަކު ތަފާތު ނުކޮށް ހުރިހާ ބައިވެރިން ވެސް  އެކަންވެސް ކުރަމުންދިޔައެވެ. ނަމަވެސް ޒީނާ އާގުޅުވައިގެން ކައިލާޝް ދެކެން ފެށީ އެހެން ހުވަފެންތަކެކެވެ.

 

ކައިލާޝްއާ ޒީނާ  ދެމީހުން ފުރަތަމަ ފަހަރަށް އަމިއްލަ ޒާތީ ވާހަކައެއް ޙިއްޞާ ކުރެވުނީ މީގެ ދެތިންމަސް ކުރިން ކުރެވުނު ޕިކްނިކް ދިޔުމަށް ކުރެވުނު ތިންގަޑިއިރުގެ ދިގު ދަތުރުގެ ތެރޭގައެވެ. ކަންދިމާކުރި ގޮތުން އެދުވަހު ޒީނާއާ ކައިލާޝް އާ ދެމީހުން ތިބެން ޖެހުނީ ކައިރިކައިރީގަ ޖެހިޖެހިގެންނެވެ. ދަތުރުގެ ދިގުކަމާއިއެކު ސަމާސާއަކުން ފެށުނު ބަސްމަގު މަޑުމަޑުން ކަތާކޮށް އޭގެ މިސްރާބު ބަދަލުވެ، އޭގެ އެންމެ ފުންމިނަށް ދިލާލީ ދެމީހުންގެ ދޭތެރޭގައި ދެކެވުނު މައުޟޫ އެއްގެ ސަބަބުންނެވެ.ޒީނާ ގެ ގައުމު ކަމަށްވާ ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަމާ އެގައުމުގެ އާދަކާދަތަކުގެ ވާހަކަ ތައްޒީނާ ގެ ފޮނި ފޮނި އަޑުން ކިޔާދެމުންދިޔައެވެ.އަދި ޚާއްޞަކޮށް ދިވެހިރާއްޖޭގެ ރަސްމީބަސް ދިވެހިބަހަކީ މިހާތަނަށް އެންމެ ޝައުގުވެރިވީ އެއްބަސްކަމަށް ވާތީ އެވެ. ކައިލާޝް ޒީނާ ގެ  ވާހަކަތައް އަޑުއަހަން އިނީ ޝައުގުވެރިކަމާއި އެކުއެވެ. ވާހަކަތައް ކިޔައިދެމުން ދިޔައިރު ކައިލާޝް އަށް އިނދެވުނީ އެކަމަށް ގެއްލި ހުސްވެފައެވެ. ޖުމްލަތައް ނިންމާލަމުން މޫނު އަނބުރާލާ އެޚާއްޞަ ގޮތް ހިތުގާ ބިންވަޅުނެގެމުން ދިޔައެވެ.  ޒީނާ ހީނލާއިރު ކޮލުގަ އުފެދޭ އަޑިކޮޅުވަކިން ރީތިވިއެވެ. އެވާހަކަތަކާ ބައިވެރިވުމު ގެ ގޮތުން  ސުވާލުތައް ކޮށް ކައިލާޝް ނިކަން ގަޔާވެގެން ބައިވެރިވަމުން ދިޔައެވެ. ވަގުތު ދިޔައީ ކިހިނެތް ކަމެއްވެސް ކައިލާޝް އަކަށް  ނޭގެއެވެ. ކެންޑީ އަށްގޮސް އެނބުރި އައި މަގުމަތީގައިވެސް ޒީނާ އާ ކައިލާޝް އާ ދެމީހުން ތިބީ ޖެހިޖެހިގެން އިން ގޮނޑީގައެވެ. ނަމަވެސް މިފަހަރު އިއްތިފާގެއް ނޫނެވެ. ގަސްތުގައެވެ. މިފަހަރު އެފުރުސަތު ހޯދީ ކައިލާޝް އެވެ. ޒީނާގެ ގެ ގާތްކަމަށް ހިތްއެދޭތީއެވެ. އެމީރުވަހުން ހިތްފުރާލަން ބޭނުންވާތީ އެވެ. އެފުރިހަމަ ރީތިކަން ބެލުމަށް ހިތް މަޖުބޫރުކުރާތީ އެވެ.

އެދަތުރު ގެ ފަހުން ކޯހުގެ ބައިވެރިންނަށް ވެސް ޒީނާ އަކީ ކައިލާޝްއަށް ވަރަށް ޚާއްޞަ ކުއްޖެއްކަން އެގެއެވެ. އަބަދާއަބަދު ޒީނާ އޭނަގެ ކާރީގަ ހުންނަން ބޭނުންވާން ފެށިއެވެ. ނަމަވެސް ޒީނާއަށް މިކަމުގެ ކުޑަވެސް ހިލަމެއް ނުވެއެވެ. ކައިލާޝް ގެ އެހީތެރިކަމާ ރަގަޅުކަން ޒީނާ އަބަދުވެސް ފާހަގަކުރެއެވެ. އަދި ކޯހުގެ ބައިވެރިން ގެ ތެރެއިން ޒީނާގެ އެންމެ ގާތްކުއްޖަކީ ވެސް ކައިލާޝް އެވެ. އަދި ހުރިހާ ގޮތަކުންވެސް ޒީނާއަށް  އެހީތެރިކަން ކައިލާޝް ފޯރުކޮށްދެމުންދާތީ ކަމަކަށް ބޭނުންވާ ދަނޑިވަޅުތަކުގަ ވެސް ފުރަތަމަ ޒީނާގެ ހިތައްއަންނަނީ ކައިލާޝްގެ ނަމެވެ. ކައިލާޝް ގެ ހިތުގެ އެދުންު ނޭގޭހާލުގައި ކައިލާޝް ގެ ހިތް ހަލާކުވަމުންދާ ކަހަލަ ކަންތައްތައް ވެސް ޒީނާއަށް ކުރެވެއެވެ. ނަމަވެސް އޭގެ ހިލަމެއް ޒީނާއަކަށް ނުވެއެވެ. ކޯހުގެ ޗުއްޓީ ދުވަސްކޮޅު ޒީނާ އެނބުރި ގައުމަށް ދިޔުމުން ކައިލާޝް އަށް ހީވީ އޭނަގެ ހިތް ހަށިގަނޑާ ވަކިވެގެން ދިޔަހެންނެވެ. ހިތުގެ ޙާލު ހާމަކުރުމަށް ހިތް ކިތަންމެވަރަކަށް އެދުނަސް އޭނަގެ ލަދުވެތިކަން ހުރަހަކަށް ވިއެވެ.

 

ޓެކްނޮލޮޖީ ގެ ޒަމާނީ  ވިއުގައަކަށް ކިތަންމެ ފަރިތަނަމަވެސް ފޭސްބުކް ކައިލާޝް ބޭނުމެއްނުކުރެއެވެ. ވައިބަރ ފަދަ ވަސީލަތްތަކުން ދެމީހުން ވާހަކަދައްކާ އަކުން ވިޔަސް ފުރަތަމަ ފަހަރަށް ޒީނާގެ ކުރިމައްޗަށް އަރާފައި ހިތުގެ ޙާލުބަޔާންކުރުމަށް ކައިލާޝް ވަނީ  ނުކުޅެދިފައެވެ. އޭނަބޭނުންވީ އެއްވެސް ތަފާތެއް ނުދައްކާށެވެ، ހިތުގެ އެންމެ ފުނުގައިވާ އަމިއްލަ އުދާސްތައް އެހެން މީހުންނަށް ފޮރުވާފައި އުފާވެރި މީހެއްގެ ގޮތުގައި ހިޔާލެއް ފިކުރެތް ނެތި މަޖަލުގައި ޗެޓްކުރަމުން ދާގޮތަށް ޒީނާދެކެ ކައިލާޝް ލޯބިވާކަން ފާޅުކުރުމަކީ ވާނެ ކަމެއް ނޫނެވެ. ސަބަބަކީ ޒީނާގެ ވާހަކަތައް ހުންނަގޮތުންނެވެ. އެހެން ކަމުން  ވާހަކަތަކުގެ މިސްރާބު ބަހައްޓަން ކައިލާޝް ބޭނުންވީ ކުރިންވެސް ބަހައްޓަމުންއައި ފަދައިން ޒީނާއަށް ވާނުވާ ނޭނގޭ ދަރަޖައިގެ ތެރޭގައެވެ. އެހެނަސް ޒީނާއާ ކައިލާޝް ބައްދަލު ކުރާނީ އާދައިގެ ވިސްނުމަކު ނޫނެވެ،  ކައިލާޝް ގަބޫލު ކުރާ ގޮތުގައި ޒީނާއަކީ އާދައިގެ އަންހެންކުއްޖެއް ނޫނެވެ، އެއަށްވުރެ  މާބޮޑަށް އަބުއި އަންހެނެއްކަން އެކުގަ އުޅޭ އެންމެންވެސް ގަބޫލުކުރެއެވެ. އަމިއްލަ ދިރިއުޅުމުގެ އެއްވެސް ވާހަކަ އެއް މިވީހާ ތަނަށް ކައިލާޝް އާ ޙިއްޞާކޮށްފަ އެއްނުވެއެވެ. އެންމެފަހުން ފޭސްބުކުން އެހެންނަމެއްގަ ޒީނާއާ އެކުވެރިވެ  ޒީނާގެ ފޭސް ބުކް  ޕޭޖް ހާވާލުމުން ހުރިހާކަމެއްވެސް އެގުނެވެ. ޒީނާއަކީ މީހެއްގެ އަންބެއްކަމާ ދެކުދިންގެ މަންމަ އެއްކަން އެގުނެވެ. ފޭސްބުކްގައިވާ އެދެމަފިރިންގެ ލޯބިވެތި ތަސްވީރުތަކުން ކައިލާޝްއަށް މާޔޫސްކަމާއި މޮޅިވެރިކަން ގެނުވައިފިއެވެ. ރޭގަޑުގެ އަރާމުނިދިން މަޙްރޫމްވެ ހޫނުވެފައިވާ ތަންމަތީގައި އޮވެ ކަރުނަ ހިލިފައިވާ ދެލޯ މަރާލުމަށްފަހު ކައިލާޝް ވިސްނަމުންދިޔައެވެ. ރޫޖެހިފައިވާ ބެޑްޝީޓާއި އެކު ބަނޑުވަތަށް ޖެހިލުމަށްފަހު ހިތުގައިވާ އުދާސްތައް ބޭރުކުރަން ފަށައިފިއެވެ. ކެކެމުންދާ އުދާސްތަކާއި އެކު ކައިލާޝްގެ ރުއިމުގެ އަޑުއިތުރަށް ގަދަވެގެން ދިޔައެވެ. ތަގްދީރު ކުރަމުންމިދިޔަ ސަމާސާ ގަބޫލުކުރަން ދަތިވިއެވެ.

ކިޔަވަމުންދިޔަ ކޯހުގެ ބައިވެރިން ކޯސްނިންމުމަށް ފަހު ސެޓްފިކެޓް ލިބުމުގެ ކުރިން އެމީހުން އެންމެން ގެޓްޓުގެދަރ އެއް ބާއްވަން އެގެޔަށް އައިދުވަހެކެވެ. އެކުވެރިން ކުރަމުންދިޔަ ސަމާސާ ތަކުގަ ކައިލާޝް އަށް އޭގެ އެންމެ ފުރިހަމަ ގޮތުގަ ބައިވެރިއެއް ނުވެވުނެވެ. މަޑުމޮޅިކަމާއި އެކު ނެގިމަޑުވެފައިވާ ކައިލާޝްގެ ހިތުގައި އެވަގުތު އޮތީ ކޮންއެއްޗެއް ކަމެއް އެކަކަށް ވެސްް ނޭގެއެވެ. އެކުވެރިންނަށް ކައިލާޝް ގެ މިހަމަ ހިމޭންކަމެއް ކަމަކު ނުދިޔައެވެ. އަދި ވައްބަހުން ސަމާސަކުރަމުންދިޔައެވެ.  ކައިލާޝް! “ހަނދުވަރު ދިނަސް ހަނދެއް މިތާކުނެތް” އެކުވެރިޔަކު މިހެންބުނެލުމާއެކު  އެންމެންގެ ހުނުމުގެ  އަޑު ފަޅައިގެން ދިޔައެވެ. ޒީނާގެ  ރިތީ ހިނިތުންވުމަކާއި އެކު އިއްވާލި ތޫލި ހިނިގަނޑުގެ އަސަރު މޫނުމަތީގައި އެތަކެއް އިރަކު ހުއްޓެވެ. ކައިލާޝް ދިވާނާވެފަވާ  ނަޒަރަކުން ޒީނާއަށް ބަލާލިއެވެ. ބުރުގާ އޮޅާލާފައިވާ ގޮތުން މޫނުގެ ބައްޓަމުގަ ވަނީ ސާދާ އަންހެންވަންތަ ކަމެވެ. ހީލީމަ ކޮލުގައި އިންނަ ހިނދިކޮޅާއި ލޮލުގައިވާ އަސަރުން ކައިލާޝް ގެ ެ ހިތުގެ އެންމެ ފުންމިނުން އަސަރުކުރުވައިފިއެވެ. އެއަސަރުތަކާއި އެކު ކައިލާޝްވެސް އެހުނުމުގައި ބައިވެރިވިއެވެ. ހަމަ އެއާއެކު ޒީނާއަށް އޭނަގެ ހިތުގައިވާ ލޯބި ފާޅުކުރަން އަޒުމް ކަނޑައެޅިއެވެ. އެންމެން ގެ ވަކިވުމަށް ފަހު އެސް އެމް އެސް ގެ ޒަރީއާއިން ކައިލާޝް އޭނަގެ ހިތުގެ ޙާލު ޒީނާއަށް ބަޔާންކޮށްދިނެވެ. ކުރުކޮށް ފޮނިކޮށް “އަހަރެން ޒީނާދެކެ ވަރަށް ލޯބިވެޔޭ” ބުނެ ފޮނުވާލި މެސެޖްގެ ޖަވާބަކަށް އިންތިޒާރުކުރުމެއްނެތި ކައިލާޝް ފޯނު ނިއްވާލިއެވެ. ޒީނާ ޖަވާބުގައި ފޮނުވާނެ މެސެޖް ކިޔާނެހާ ހިތްވަރެއް މިއަދަކު ކައިލާޝް ގެ ކިބަޔަކު ނުވެއެވެ. ޒީނާދެކެ ވާ ލޯބި ކައިލާޝް މިއަދު ފިނޑިއަކަށް ހަދައިފިއެވެ. އެލޯބީގަ ދީވާނާއަކަށް ހަދައިފިއެވެ. އަދި ޚިޔާލީ ވާދީތަކުގަ ޒީނާއެކު ހޭދަކުރެވެންފެށިއެވެ.

އޭގެ އަނެއްދުވަހު ކައިލާޝް ފޯނުހުޅުވާލީ ޒީނާއަށް އޭނަގެ އަމިއްލަގައުމަށް ދެވޭނެހާ އިރުކޮށްފައެވެ. ޒީނާ ގެ ނަމްބަރުން އެތައް މިސްކޯލެއް އައަިސްފައި ހުއްޓެވެ. އަދި އެމެސެޖަށް އިޝާރާތް ކޮށްފަ އެއީކޮންކަހަލަ ސަމާސާ އެއްތޯ ސުވާލުކޮށް މެސެޖް ކޮށްފަ އޮތެވެ. ކައިލާޝް އޭނަގެ ހިތުގެ ޙާލުބަޔާން ކުރިއެވެ. އޭނަ ބޭނުންވަނީ ޒީނާ އާ ލޯބީގެ ގޮތުން ގުޅުންކަމަށާ ކައިވެނިކުރުން ކަމުގަ ހާމަކުރިއެވެ. ޒީނާއަކީ ދެކުދިންގެ މަންމަ އެއްކަމަށާއި އޭނަ އުޅެމުންދަނީ ލޯބީ ގެ މައްޗަށް ބިނާކުރެވިގެން ކުރިކައިވެންޏެއް ގައި އުފާވެރި ދިރިއުޅުމެއް ގައި ކަމަށް ބުނެވިސްނާދޭން މަސައްކަތްކުރިއެވެ. އަދި ދެމީހުންނަކީ ދެގައުމެއްގެ އިތުރުން  ދެ ދީނެއްގެ ބައެއްކަމަށާއި މުސްލިމް އަންބަކަށް އެފަދަގުޅުމެއް ހުއްދަނޫންކަމަށް ބުނެ ވިސްނާދެއެވެ. ކައިލާޝް ދެކެ ލޯބިވާ މީހަކާއި އެކީ ދިރިއުޅުމެއް ފެށުން ރަގަޅުކަމަށް ބުނެ ޒީނާ ވިސްނާ ދެއެވެ. ނަމަވެސް ކައިލާޝް އެކަމެއް ގަބޫލެއްނުކުރެއެވެ. އަދި އެހެން އަންހެނަކު ދެކެ ލޯބިނުވެވޭނެ ކަމަށާއި އޭނަގެ ހިތުގައި ޒީނާއަށް ދެވިފައިވަ މަގާމް އެހެން އަންހެނަކަށް ނުދެވޭނެކަމުގައި ބުނެ މަރު ނުވަތަ ލޯބި ކާމިޔާބުވަންދެން މަސައްކަތް ކުރާނެކަމަށް ބުނަމުންދިޔައެވެ. އަދި މެސެޖްކުރުމާ ފޯނުކުރުން ކުރިއަށް ގެންދިޔައެވެ. ޒީނާގެ ފިރިމީހާއަށް މިހުރިހާ މެސެޖެއްފެނުމުން ޒީނާ އާ މެދު ޝައްކުރެވެން ފެށިއެވެ. ކުރިން ދެމުން ދިޔަ ލޯތްބާއަޅާލުން އަދި ގާތްކަން މަޑުމަޑުން ދުރުވަމުންދިޔައެވެ. މިކަންތައް ވެގެންދިޔައީ ޒީނާގެ ދިރިއުޅުން ބަނަވެ އޭނަގެ ހިތް ފުނޑުފުނޑުވެގެން ދިޔަކަމަކަށެވެ. ޒީނާގެ ދެލޮލުން ކަރުނަހިކޭ އެންމެވަގުތެއްވެސް ނާދެއެވެ.

ދިރިއުޅުމަށް މިކުރިމަތިވި ކޮޅިގަނޑުން ސަލާމަތްވެ އަމާން އައްސޭރިއަކަށް ދިޔުމަށް ހިތްވަރާއެކު ތެދުވިއެވެ. އަދި ޒީނާ އޭނަގެ ފިރިމީހާއަށް ހުރިހާވާހަކަ ތަކެއް ތެދަށް ކިޔާދިނެވެ. އަދި އެންމެ ފުރަތަމަ ދުވަހެކޭ އެއްގޮތަށް މިއަދުވެސް ޒީނާ ހުރީ ވަފާތެރިކަންމަތީގަ ކަމަށް ބުނެވިސްނާދިނެވެ. ކައިލާޝް ކަހަލަ ކިތަންމެ ފިރިހެނަކާ ދިމާވިޔަސް ފިރިމީހާ ދެކެވާލޯތްބަށް އެއްވެސް ބަދަލެއްނާންނާނެކަމަށް ބުނެ އަޙްދުވިއެވެ. އަދި ސީދާ ކައިލާޝް އާ ގުޅައިގެން ޙަގީގަތް ބެލުމަށް އެދުނެވެ.  ޒީނާގެ ފިރިމީހާ ކައިލާޝް އާއި ބައްދަލު ކުރުމަށް އެޤައުމަށް ދިޔައެވެ. ދެކެވުނު ވާހަކަތަކުގެ ތެރެއިން ޒީނާ ދެކެ ވަރަށް ވަރަށް ލޯވިބާކަމަށް ތަކުރަރުކޮށް ކައިލާޝް ބުންޏެވެ. ޒީނާ ނޫން އެހެން އަންހެނަކު ޙަޔާތަށް ގެންނަން ކައިލާޝް ބޭނުން ނުވާކަމަށާ އަދި ލޯބިވެވުނީ ކީއްވެކަމެއްވެސް ހުދު އޭނައަށް ވެސް ނޭގޭ ކަމަށް ބުންޏެވެ. ކައިލާޝްގެ އެދުމަށް ޒީނާ އިޖާބަނުދޭކަން ކައިލާޝް ގެ ވާހަކަތަކުން ޒީނާގެ ފިރިމީހާއަށް އެގުނެވެ. އެހެންކަމުން ހީނަރުވާންފަށާފަވާ ކައިވެނީގެ ގުޅުމުގަ އެޅުނު ރެނދުތައް އަލުންގުޅުވާލަ ލަދިނުމަށް ޒީނާގެ ފިރިމީހާ ތެދުވިއެވެ.  މާޔޫސްކަމުގައި ދިރިދިރިއުޅެމުންދިޔަ ޒީނާގެ  ނަފްސަށް ބާރެއް ނެތަސް  ފުރާނަ އެދެނީ ހަމަ އެކަނި ފިރިމީހާއަށްޓަކައި ކަން ހާމަކޮށްދިނުމަށް ކުރެވުނު އާދޭސްތަކަށްފަހު ޒިނހިމޭންކަން އިޚްތިޔާރު ކުރިތާ ކިތަންމެ ދުވަހެކެވެ.ޒީނާގެ ހިމޭން ދުނިޔެ ހަލަބޮލިކޮށްލީ ފޯނަށް އައި ލޮޅުންގަދަ ވައިބްރޭޝަނާއި އެކުއެވެ. އެއީ އުފަލުން ހިތް ފުރިގެން ދިޔަ ވަގުތެވެ. ބަނަފެވައިވާ ދުނިޔެ އަލުން އަލިކޮށްލަދިން ސާފު މެންދުރުގެ ވަގުތެވެ. ހިތްދަތިކަމަކުން އުފާވެރިކަމަށް ހިތްބަދަލުކޮށްލަދިން އަގުހުރި ވަގުތުކޮޅެވެ. ކަނިވެ ނިވެމުންދިޔަ ކައިވެނީގެ ހުޅުކޮޅު އިތުރަށް އަލިގަދަކޮއްލަލަދިން ވައިރޯޅި ޖެހުނު މަޢުނަވީ ވަގުތެވެ. އެއީ ގެއްލިފަވީ ދިރިއުޅުމުގެ އުފާތަކާ ގުޅިފަވާ  ޒީނާގެ ފިރިމީހާ ޝާހިދު ގެ މެސެޖް ޒީނާގެ  ފޯނަށް އައި މުހިންމު ހިނދުކޮޅެވެ.

(ނިމުނީ)