ފުވައްމުލަކަކީ ދިވެހިންގެ އެވޭލާ ތާރީޚު ފެންނަން ހުރި ގިނަ ގިނަ އާސާރީ ތަރިކަތަކެއް ހުރި ރަށެކެވެ. ދިވެހިންގެ ޤަދީމީ ދިރިއުޅުން ދައްކުވައިދޭ އެކި ބިނާތަކާ އާދަކާދަތަކާ ދިރުންތައް ފުވައްމުލަކުގެ ވެށީގައި އެބަހުއްޓެވެ.

ތަރިކައިގެ ޢިލްމުވެރިން މާއްދީ ތަރިކަ (ޓޭންޖިބަލް ހެރިޓޭޖް) ބައްސަވާފައިވާ ބައިތަކުގެ ތެރެއިން އެއްބަޔަކީ ޤުދުރަތީ ތަރިކައެވެ. އަޅުގަނޑު ކިޔުންތެރިންނާއެކު މިދަތުރުކޮށްލަނީ ފުވައްމުލަކުގެ ޤުދުރަތީ ތަރިކަތަކުގެ ތެރެއިން ވަރަށް ޚާއްސަ ތަރިކައެއްގެ މަޢުލޫމާތު ހިއްސާކޮށްލުމަށެވެ. މިދަތުރުގައި ފުރަތަމަ އަޅުގަނޑުމެން ނިކުމެލަން މިޖެހެނީ ފުވައްމުލަކުގެ ވަށައިގެން އޮންނަ މާ ކަނޑަށެވެ. ލޮލުކޮޅަށް ރަށް ފެންނަ ހިސާބަށެވެ. މާކަނޑެއްގެ ބިޔަ ރާޅުތަކުގެ ތެރޭގައި އެކަނިމާއެކަނި އޮންނަ ފުވައްމުލަކަށް ދަތުރުކޮށް ރަށާ ކައިރިވަމުން އަންނަ ވަރަކަށް ރަށުގެ މެދެއްހާ ހިސާބުން ނިކަން ބިޔަ ފެހިކަން ގަދަ ގަހެއް ފެންނާނެއެވެ. އިހުގެ އޮޑިވެރިން ބުނާގޮތުން އައްޑުއަތޮޅުން ފުރައިގެން ފުވައްމުލަކަށް އަންނަ އިރު ރަށްފެނުމުގެ ކުރިން މިގަސް ފެންނަން ފަށައެވެ. އަދި ގަސް ފެންނަތާ ގާތްގަނޑަކަށް ބައިގަޑި އިރުފަހުން “ރަށް ނަގައި އެކުލަވާލަންފަށައެވެ.” ރަށުގެ މަލަމަތިން ފެންނަ މި ޚާއްސަ ނިޝާނަކީ ފުވައްމުލަކު ފުނާޑު އަވަށުގައި ހުންނަ ދުވަސްވީ ނިކަ ގަހެއެވެ. ރަށުގެ މީހުންގެ ބަހުރުވައިން ދަންނަވާނަމަ ” ބޮނޑޮ ކިރިގެހެ”އެވެ. ފުވައްމުލަކު މީހުންގެ ތެރެއިން މިގަސް ނުހުންނަ ހަނދާން ހުރި މީހަކު ހުންނާނެހެން ހިއެއް ނުވެއެވެ.

ފުވައްމުލަކުގެ ތާރީޚު ދިރާސާކުރައްވާ ބޭފުޅެއްކަމަށްވާ، ޢަބްދުﷲ ޢަފީފް (ފުނާޑު/ލަގްޒަރީ) ދެއްވާފައިވާ ބަސްދީގަތުމެއްގައި ވިދާޅުވެފައިވާ ގޮތުން ފުވައްމުލަކުގައި ހުރި އެންމެ ދުވަސްވީ ގަހަކީ މި ނިކަގަހެވެ. ޢަލީ ސުލައިމާން (ޏ.ފުވައްމުލައް/ފަތަނގުމާގެ) އާ ހަވާލާ ދެއްވާ ޢަބްދުﷲ އަފީފް ވިދާޅުވިގޮތުން މިގަހަށް ތިން ސަތޭކަ އެތައް އަހަރެއް ވެދާނެއެވެ. ހަމަ އޭނައާ ހަވާލާދެއްވާ އަފީފް ވިދާޅުވިގޮތުން މި ނިކަގަސް އިންދާފައިވަނީ ފުނާޑު އަވަށުގެ “ކިރިގެހެކައި ކޮއްޔަގެ މުޙައްމަދު” އެވެ. އެޒަމާނުއްސުރެ މި ގަސް ބަންޑާރަ ގަހެއްގެ ގޮތުގައި ހަމަޖެހިފައިވާތީ ގަސްކެނޑުމުގެ ޚިޔާލު އެއްވެސް މީހަކު ނުގެންގުޅެއެވެ.

ޒަމާންތައް ވޭތުވެ ދިޔައިރު އަދިވެސް މި ނިކަގަސް ހިމެނިފައިވަނީ ފުވައްމުލަކުގައި ހުރި އެންމެ ބިޔަ ގަހުގެ ގޮތުގައެވެ. ގަހުގެ އޮފިތަކާ އަޅޯތައް ކަނޑާފައި ހުރި ނަމަވެސް މިއަދުވެސް ގަސް ފެންނަނީ ބިޔަކޮށެވެ. މީގެ ގާތްގަނޑަކަށް ތިރީހަކަށް އަހަރު ކުރިން މި ނިކަގަސް ހުރީ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި ވަލުތެރޭގައެވެ. ނަމަވެސް މިއަދު “ބޮނޑޮ ކިރިގެހެ” ހިމެނިފައިވަނީ ފުވައްމުލަކުގެ ފަޚުރުވެރި ޢިލްމީ ހިޔާވައްސެއްގެ ހިއްސާއެއްގެ ގޮތުގައެވެ. ފުވައްމުލަކު ހާފިޒު އަޙުމަދު ސްކޫލުގެ ގޯތިތެރޭގައި މި ނިކަގަސް ހުރުމަކީ ގަހުގެ މުހިއްމުކަން ހާމަވެގެންދިޔަ ކަމެކެވެ. ކޮންމެއަކަސް ހާފިޒު އަޙުމަދު ސްކޫލު އިމާރާތް ކުރަން މި ސަރަހައްދު ކަނޑައެޅުމަކީ ދިވެހި ތާރީޚަށް ކުރެވުނު ވަރަށް ރަނގަޅު ޚިދުމަތެކެވެ. ޚާއްސަކޮށް އަދުގެ ކިޔަވާ ކުދިން އަޅުގަނޑުމެންގެ ތަރިކަތަކަށް އިޙުތިރާމުކުރުވުމަށް އެޅުނު ވަރަށްވެސް ހެޔޮ ފާލެކެވެ.

ނަމަވެސް ނިކަގަހުގަ މޭވާ އަޅާފައި ހުންނަ ދުވަސް ވަރު އުނދަގޫ ތަކެއް ކުރިމަތި ވެއެވެ.