ލިޔުނީ: ސާމިޔާ އަޙްމަދު

ރޭގަނޑުގެ ފުރަ މެންދަމުގެ ވަގުތެވެ. ގޭތެރެއަށް ވެރިވެފައިވަނީ މަރުގެ ހިމޭންކަމެވެ. ދެ ކޮޓަރީގައި އެނބުރި އެނބުރި ހުރި ދެ ފަންކާއިން އިވޭ ވައިކެފުމުގެ އަޑު ފިޔަވާ އިވޭ އެއްވެސް އަޑެއް ނެތެވެ.   އެތައް އިރަކު ނުނިދި އޮތުމަށްފަހު އީމާން އަށް ލޮލުފިޔަ ޖެހުނީ އެކެއްވެސް ޖެހިފަހުންނެވެ. ނިދި އައިސް އޭނާގެ ސިކުނޑީގެ މައްޗަށް ވެރިވެގަނެ މުޅި ހަށިގަނޑަށް އޭގެ ބާރު ފޯރުވިއެއްކަމަކު އެ ސިކުނޑިއަށް ވެރިވެފައިވާ ނުތަނަވަސްކަމާއި ކެކުޅުމަކަށް ލުޔެއް ނުލިބެ އެވެ. ހިތުގަ އުފެދިފައިވާ ވޭނީ ރިހުންވަނީ ހަމަ ތާޒާކޮށެވެ. އެކަށް ގޮށްޖެހިފައިވާ ބުމަޔާ މުށްކެވިފަވާ އަތް އަދި ނޭގޭ ބާރަކުން ތުރުތުރު އަޅަމުންދާ ހަށިގަނޑު މިކަމަށް ހެކިދެއެވެ. ހިތާއި ސިކުނޑި އަށް ވެރިވެފައިވާ ހައިޖާނުގެ އަސަރު މޫނުމަތިން ފެންނަމުން ދިޔައެވެ. ބާރު އަޑުފަށް ގަޑަކާއެކު ކުއްލިއަކަށް މުޅި ގެއިން ކަރަންޓު ކެނޑިއްޖެއެވެ. ކަނު އަނދިރިކަން ވެރިވެއްޖެ އެވެ. ވީ ކީއްކަމެއް ނޭނގެއެވެ. ކަރަންޓު ކެނޑުނުތާ މާގިނައިރެއް ނުވިއެވެ. ދެން އިވެން ފެށީ ހިތްފަޅައިގެން ދާފަދަ އަޑަކުން ސަލާމަތަށް އެދި  އަންހެނަކު  ކުރަމުންދާ އާދޭހުގެ އަޑެވެ. އެއަޑާއެކު  ފިރިހެނެއް ގެ ރުޅިވެރި ހަޅޭކުގެ އަޑާ އެކު ހުނުމުގެ އަޑު ވެސް އިވެމުން ދިޔައެވެ.އެއީ ބިރުވެރިކަމުން ފުރިގެންވީ ރަޙްމެއްނެތް އަޑެކެވެ. އެއަޑުގައި ނުރައްކާތެރިކަމާއި އަނިޔާވެރިކަން އެކުލެވިފައިވާ ވެއެވެ. ހަމަ އެއާއެކު ދިހަ ބާރަވަރަކަށް އަހަރުގެ  ކުޑަކުއްޖަކު އަވަސް ފިޔަވަޅުތަކެއްގައި ދުވެފަދާ ތަން ފެންނަމުން ދިޔައެވެ. މަންޒަރު މާސާފުނޫންނަމަވެސް އެކަމުގެ ސަބަބުން އީމާންގެ ހިތަށް  ބުނެދޭން ނޭގޭފަދަ ފުން އަސަރު ތަކެއް ކުރަމުން ދިޔައެވެ. ހިތުގެ ނާރުތައް ބުރިބުރި ވަމުންދާ ކަހަލަ އިޙްސާސެއް ވެސް ކުރަމުން ދިޔައެވެ. އަދި މޭ ގަނޑު ފިތެމުން

ދާކަމުގެ  އިޙްސާސް ކުރެވެމުން ދިޔައެވެ. އެބިރުވެރިކަމުން  ސަލާމާތް ވާންއުޅޭފަދަ ގޮތަކަށް އީމާން އަތާފައި ހޫރަން ފެށިއެވެ. ސިކުނޑީގެ ނާރުތަކަށް ވާންވެ ފަޅައިގެން ދާން އުޅޭހެން ހީވާން ފެށުމުން ކަރުފަޅައިގެން ދާފަދަ އަޑަކުން ހަޅޭއް ލަވައިގަތެވެ. ހަމަ އެއާއެކު ސިހިފައި ހޭލެވިއްޖެ އެވެ. ހޭލެވުނުއިރު އޮތީ ދާހިއްލާ ފޯވެފައެވެ. ލައިގެން އޮތް ޓީޝާޓް އޮތީ ބުރަކަށީގައި ތަތްލާފައެވެ. ނިއްކުރި މަތިން ހިއްލާފައި ހުރި ދާތައް އަތުގެ ފުށަތުން ފޮހެލަމުން ގަޑި ބަލައިލިއެވެ. އަދި ދެގަޑިބައި ވެސް ނުވެއެވެ.  މުޅި ތަނަށް ވެރިވެފައިވާ ކަނު އަނދިރިކަމުގެ ސަބަބުން އީމާން އަށް ލިބުނު ސިހުމާއި ބިރުވެރިކަން ވަކިން އިތުރުވިއެވެ.  މިބިރުވެރި ކަން އޭނަ ދިރިހުއްޓާ އޭނަގެ ޙަޔާތާ ވަކިނުވާނެކަން އީމާން އަށް އެގެއެވެ. އީމާން އޭނަގެ އުދާސްކަމަށް ލުޔެއްލިބޭތޯ ކަނުއަނދިރީގެ ތެރޭން ލަސްފިޔަވަޅުތަކެއްގައި ގޮސް ކުޑަދޮރުން ބޭރުބަލާލިއެވެ.  ހަމަ އެއާއެކު ކުއްލިއަކަށް ވައިގަދަވާން ފެށިއެވެ. ބިންމަތީގައި ހުރި ފަތްތައް އެއްވެސް ތަރުތީބެއްނެތި އުދުހިގެން ވައިގެތެރެއަށް އަރަންފެށިއެވެ. ކުއްލިއަކަށްގަދަވަޔާއެކު ކައިރީގައި ހުރި ގަހަކުން ބޮޑު އޮފިގަނޑެއް އިރައިގެން އައިސް ފުރާޅުމަތީގަ ޖެހުނު އަޑުން އީމާން ގެ ހިތުގަ އުފެދިފަވާ ތޫފާންގެ ހަލަބޮލިކަން ވަކިން އިތުރުވެގެން ދިޔައެވެ.

ހަމަ އެއާއެކު އީމާން ގެ ހިޔާލުގެ ދުރުމިން ފެންނަންފެށީ މީގެ އެތަކެއްއަހަރު ކުރީގެ ފީތާއެކެވެ. މަންމައާއި ބައްޕައާއެކު ހޭދަކުރެވުނު ޅަފުރާގެ ހަދާންތަކެވެ.އުމުރުން 4 އަހަރުން ފެށިގެން މިއަދާހަމަޔަށް ޚިޔާލުގެ ވާފަށް ގުޅާލެވުނެވެ. އީމާން ގެ މަންމަގެ ހުސްވުމެއްނެތް ނެތް ލޯބީގެ ޚަޒާނާއިން އެ ޅަހިތް ފުރާލަ ދިން ގޮތެވެ. އަބަދުވެސް އީމާން ގެ ދިފާއުގަ އީމާން ގެ ޙިމާޔަތުގަ އެމަންމަ ފާރަވެރިވީ ގޮތެވެ. މައިވަންތަކަމުގެ ލޯތްބާއެކު ކީ ނާނާތަކެވެ.

ބައްޕަގެ ރަޙްމެއްނެތް އަނިޔާ އިން އެހިތުގަ ޒަޚަމް ތައް ލެވުނެވެ. ބައްޕަ ފެނުމުން އެޅަހިތް ބިރުން ރޫރުއަޅައިގެން ދެއެވެ.ބައްޕަ ދެކެ ކިތައްމެ ލޯބިވިޔަސް ބައްޕަގެ ޙިމާޔަތަށް ދާން ބޭނުންވިޔަސް ކުޑަކުޑަ އީމަން ފަސްޖެހެއެވެ. މިހުރިހާކަމެއް ގެ ފަހަތުގަ ވަނީ ބައްޕަގެ ހަރުކަށިކަމާ ބައްޕަ ގެ ފަރާތުން މަންމަ އަށް ލިބެމުންދާ އަނިޔާތައް ކަމެއް އެބައްޕަ ގަބޫލް ކުރާކަށް ބޭނުމެއް ނުވެއެވެ. ބައްޕަ ގެއަށް އަންނަ ކިތަންމެ ރެއަކު މަންމައާ ބައްޕަގެ ޒުވާބުތަކާ މަންމަ ރޯރުއިންތަކުން ޅަހިތުގަ ވަނީ ބައްޕައާ ދޭތެރޭ އިންދުނު ނަފްރަތު ގެ އޮށުންގަސްފަޅާ އޭގެ މޫތައް ވަރުގަދަ ވެފައެވެ. ނަތީޖާއަކަށް ވީ ބައްޕަ އާއި ގުޅަފައިވީ ކޮންމެ އެއްޗަކަށް ވެސް އީމާން ގެ ނަފްރަތު ކުރުމެވެ. ޚާއްޞަކޮށް ބައްޕަ ގޭގަ އުޅޭވަގުތު ކޮޓަރީގެ އެއްކަނެއްގައި އަމިއްލަ ނަފްސު ކުއްވެރިކޮށްގެން އީމާން ބަންދުވެގެން އިނދެއެވެ. ނަމަވެސް މަންމައަށް ލިބެމުންދިޔަ އެ ވޭންތަކަށް ކެއްކުރަނީ އޭގެ އިންތިހާ ދަރަޖައަށެވެ. މަންމައަށް ލިބެމުންދިޔަ ވޭނީ އަނިޔާތައް ފެނި އަހަރެންގެ ލޮލުން އޮހެމުންދާ ކަރުނަތައް މައިވަންތަކަމުގެ އެ ދެ އަތުން ފޮހެލައިދެނީ އޯގާވެރިކަމާއެކުއެވެ. އީމާން ގެ މަންމަ މިދުނިޔެއާއި ވަކިވެގެން ދިޔައީވެސް ބައްޕަގެ ރަޙްމެއްނެތް އަނިޔާ ތަކުގެ ސަބަބުންނެވެ. ބައްޕަގެ އަނިޔާތަކުގެ ސަބަބުން މަންމަ ނުކުޅެދޭ މީހަކަށް ހެދިއެވެ. އަދި އެދެމައިން ދޫކޮށް ބައްޕަ ދިޔަތަނެއް އަދި އަދަށް ދާންދެންވެސް އީމާންއަކަށް ނޭގެއެވެ. ވަރަށް ބަލިވެ އުޅުމަށް ފަހު އީމާންގެ މަންމަ ނިޔާވުމުން އީމާން ބިކަވެ މުޅިދުނިޔެއަށް ގިނަވިއެވެ. ބަނޑުފުރާނަ މުއްތިކުރުމަށްޓަކާ ސަލާން ޖެހުމާ ގޭގޭގަ މަސައްކަތްކޮށް ދީގެން އީމާން ދުވަސްތައް ހޭދަކުރަމުންގޮސް ފުރާވަރަށް އެޅިއިރުވެސް ބައްޕަ ކިބައިން މަންމަގެ މަރުގެ ބަދަލު ހިފުމަށް އަޒުމް ކަނޑައެޅިއެވެ. މަންމަ ގެ ލޯބިން އީމާން މަޙްރޫމް ކޮއްލި އެއަނިޔާވެރި ބައްޕަގެ ތަޞްވީރު ވަނީ އީމާން ގެ ހިތުގަ ބިންވަޅުނެގިފައެވެ. އެންމެ ފަހަރަކުވެސް އެބައްޕަގެ ލޯތްބަކަށް އީމާން ގެ ހިތެއްނޭދެއެވެ.ބައްޕައަށް ޓަކާ ވިންދު ޖެހުމަކަށް އެހިތެއް ނުދަންނަކަހަލަ އެވެ. އަބަދާ އަބަދު ހިތްއެދިގޮވަނީ އީމާން ގެ ލޯބިވާ މަންމައަށެވެ.ދުވަސްތައް މާޒީއާއި އުވަމުންގޮސް މިއަދު އަނެއްކާވެސް އީމާން ގެ ޒަޚަމްތައް ތާޒާވެ އެޒަޚަމްތަކުން ލޭއޮހޮރެންފެށީ އީމާން ގެ ޙިއްޞުތަކާ ކުޅެލި ވަހެއްގެ ސަބަބުންނެވެ. ނޭފަތުގަ އެވަސް ޖެހުނުވަގުތުން ފެށިގެން ސިކުނޑިއަށް ބާރު ބޮޑުވާންފެށިއެވެ. އެއީ ކޮންމެވެސް ގޮތަކުން އީމާންއާއި ގުޅިފައިވީ ވަހެއްކަން ސިކުނޑި އަންގަމުންދިޔައެވެ. ހަމައެއާއެކު މިހަދާންތައް ގުޅުވާލެވުނީ އީމާންގެ ބައްޕަ ބޭނުންކުރާ އަތަރު ފުޅިތަކާއެވެ. އަބަދުވެސް ބައްޕަ ޚާއްޞަ ކޮށް އެއްވައްތަރެއް ގެ ހުވަނދާ އަތަރު ބެނުންކުރުމަށް އިސްކަން ދޭކަން ހަދާނަށް އައެވެ. ބައްޕަ ގެއަށް ވަދެފަ ނުކުތަސް އަދި ގޭގައުޅުންސް އީމާން އެކަން ފާހަގަކުރަނީ އެވަހުންކަން ހަދާންވުމާއެކު ރުޅިއައިސް މީހާ ތުރުތުރު އަޅަންފެށިއެވެ. އެދެމައިން ދޫކޮށްލާފަ ބައްޕަދިޔަރޭވެސް މަންމައަށް އަނިޔާކުރުމުގެ ތެރޭގަ އެހުރިހާ އަތަރުފުޅިތަކެއްވެސް މަންމަގެ ބޮލަށް އަޅާލާ އޭގެ ފުޅިތޮށިން އީމާންވެސް ޒަޚަމްވިއެވެ.ހަމަ އެއާއެކު ވަގުތު ނަގާނުލާ ސައިކަލް ސްޓާޓް ކުރުމާއެކު އީމާން މަސައްކަތްކުރާ ކުންފުނީގެ ސައިޓަށް ވަދެ އަލަށް އެތަނާ ގުޅުނު ދެވަން ފުރައިގެ ފިރިހެން މީހާ ބޭރަށް ނެރުނެވެ.  އަދި ނިކަން ރަގަޅަށް އެމޫނަށް ބަލާލިއެވެ. އެއީ މިއަދާހަމަޔަށް އީމާން ހޯދަމުންދިޔަ އޭނާގެ ބައްޕައެވެ. ހަމަ އެއާއެކު ނަފަރަތާ ބަދަލުހިފުމުގެ ޖަޒްބާތުން  އީމާން ގެ ޙިއްޞިތައް ގޮވާލިއެވެ.އީމާން ގެ ހަމަހޭވެރިކަމެއް ވެސް ހުރިހެނެއް ހިޔެއްނުވެއެވެ. އަތުގަ އޮތްބިއްލޫރިފުޅި އެމީހާގެ ބޮލަށް އަމާޒުކޮށް ނިކަންބާރަށް ޖެހިއެވެ. އެތައްފަހަރަކު އެކަން ތަކުރާރުކުރި އެވެ. ހަމަ އެއާއެކު އެފިރިހެންމީހާގެ ބޮލުން ހޯސްލާފަ އޮހޮރެން ފެށީ ތާޒާލެއެވެ. އީމާން މޮޔައެއްހެން ހެމުން ތެޅިފައިވާ އެބިއްލޫރި ފުޅިން އެބައްޕައަށް ޙަމަލާދެމުން ގޮސް އެމަސްގަނޑުގެ ވިންދު ހުސްވުމުން ހުއްޓާލިއެވެ. އަދި ނިކަން ރަގަޅަށް އޭނަގެ މަންމަގެ ގާތިލްގެ މޫނަށް ބަލާލިއެވެ. އަދި ނިކަން ބާރަށް ހޭންފެށިއެވެ. ހަމަ އެއާއެކު އެފުރާނަ ނެތްމަސްގަނޑުގަ އޮޅުލައިގަނެގެން ބާރުބާރަސް  ރޯންފެށީއެވެ. އެބައްޕަގެ ލެއިން އުފެދިފައިވާ ދަރިފުޅުގެ  އަމިއްލަ ދެއަތުން ބައްޕަ ގެ ފުރާނައަށް އެފަދަ އަނިޔާތަކެއް ދެވުމުން  ކެތްކުރަން ދަތި އަސަރުތަކެއް ހިތާސިކުނޑި އަށް ވެރިވެގެން  ދިޔައެވެ.

ބިއްލޫރި ފުޅިއަކުން މީހެއްގެބޮލަށް ޙަމަލާދީ  ރަޙްމެއްނެތް ގޮތަކަށް މީހަކުމަރާލާފަ އޮއްވާ ފެނުނު ޚަބަރު އީމާން އަށް ނޫހުން ފެނުނެވެ. އަދި ސިފައިންނާ ފުލުހުން ގުޅިގެން ކުއްވެރިޔާ ހޯދުމުގެ މަސައްކަތް ކުރާވާހަކަ ވެސް އެލިޔުމުން އެގުނެވެ. ހިތައް ކުރާއަސަރަކާ ސިކުނޑިއަށް ކުރާބާރުން ކެތްނުކުރެވިގެން އީމާން އަމިއްލައަށް ފުލުހުންނާ ޙަވާލުވިއެވެ. އަދި އޭނަގެ މަންމަގެ މަރުގެ ބަދަލު ހިފުމަށް ބައްޕަ މަރާލިކަމުގަ ވިޔަސް  ހިތަށް ހަމަޖެހުމެއް ނުލިބުނުކަމާއި އަދި އެކަމުގެ އަދަބު ލިބިގަތުމަށް ތައްޔާރުވިއެވެ. މިއަދު އީމާން އަކީ ސިކުނޑި ހަމަނުޖެހޭ މޮޔައެކެވެ. ބައްޕަގެ އަނިޔާވެރިކަމުގެ ސަބަބުން އުފާވެރި އާއިލާއެއް ރޫޅި އެއާއިލާގެ އުއްމީދު ކަމުގަވާ ދަރިފުޅަކު އެކަން ތަޙައްމަލު ކުރަންްޖެހުނު ގޮތެވެ.މިހާދިސާ ވެގެން ދިޔައީ  މިފަދަ މައިންނާ ބަފައިންނަށް އަދި މުޅިދުނިޔެއަށް ވެސް ލިބިގެން ދިޔަ އިބްރަތަކަށެވެ.

(ނިމުނީ)